Adu ehumuge hunaru


އަޑު އެހުމުގެ ހުނަރު

އަޑުއެހުމުގެ ހުނަރަކީ ހީކުރާހާ ފަސޭހައިން އަށަގެންނުވޭ ހުނަރެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަށް އަޑުއެހުމުގެ ހުނަރުގެ ގޮތުގައި އަޅުގަޑު ބަލަނީ، (ހ) މީހަކު ބުނާ އެއްޗެއް އަޑުއިވިގެން، (ށ) ލިޔެފައި ހުންނަ އެއްޗެއް ކިޔައިގެން، (ނ) ފެންނަ އެއްޗެއް ނުވަތަ މަންޒަރެއް ބަލައިގެން، (ރ) ނުވަތަ ދިމާވާ ކަމަކުން ކުރެވޭ ދޭހައެއްގެ މައްޗަށް – މީހަކު ކަނޑައަޅާ ކަނޑައެޅުމަށެވެ

އެއްތަނެއްގައި މަސައްކަތް ކުރާ ބަޔެއްގެ މެދުގައި އަޑުއެހުމުގެ ހުނަރު އަށަގަނެ ފައްކާވެފައި އޮތުމަކީ އެތަނެއްގައި ކަންކަން އޮމާންކަމާ ހަލުއިކަންމަތީ ހިނގާނެކަން ކަށަވަރު ކުރެވޭނެ ކަމެކެވެ. މިދެންނެވިފަދަ އަޑުއެހުމުގެ ސިފަ އަށަގެންނެވުމުގައި މުހިންމުކަމަށް ފެންނަ ދެތިން ކަމެއް ދަންނަވާލާނަމެވެ

ކިޔުމުގެ އާދަ: ކޮންމެ ދުވަހަކުވެސް ލިޔެފައިވާ އެއްޗަކުން ކޮންމެވެސް މިންވަރެއް ކިޔާ، އެއިން ދޭހަވި އެއްޗެއް ނޯޓުކޮށްލުން. ނުވަތަ އެއިން ތިމާއަށް ލިބުނު ފިލާވަޅެއް ނުވަތަ ކުރި އިހްސާސް ލިޔެލުން. މިކަމަށްޓަކާ “ޑެއިލީ ރީޑިންގ ޖާނަލް” އެއް ގެންގުޅެވިދާނެއެވެ. ތިމާ ގެންގުޅޭ ނޯޓު ފޮތުގައި މި ޖާނަލް ލިޔެވިދާނެއެވެ

ކުރިމަރާނުލާ އަޑުއެހުން: އަނެކާ ދައްކާ ވާހަކަ ނިމެންދެން އަޑުއަހަން އިނުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އަނެކާގެ ވާހަކަ މެދުކަނޑާލަން ބޭނުންވާ ބޭނުންވުން ފަސްޖައްސާލައިގެން ތިންމިނިޓު އިނދެވޭތޯ ބަލާށެވެ. އަދި އަނެކަކު ވާހަކަ ދައްކާއިރު އިވޭ މުހިންމު ލަފްޒުތައް ނުވަތަ އިބާރާތްތައް ނޯޓުކޮށްލުން ރަގަޅުވާނެއެވެ. ގަނޑުގެ އަނެއް އަރިމަތީގައި ތިމާ ބުނަން ބޭނުންވާ އެއްޗެއް، އަދި ކުރަން ބޭނުންވާ ސުވާލުވެސް ނޯޓުކޮށްލާށެވެ

ޖަދަލުނުކުރުން: މީހުންނާ ވާހަކަދައްކަންވީ ތިމާގެ މޮޅުކަން ދައްކާކަށް ނޫނެވެ. ވާހަކަ ދެއްކުމަށް (ނުވަތަ ކޮންވަޒޭޝާން އެއްގައި ބައިވެރިވުމަށް) ލިބޭ ކޮންމެ ފުރުސަތަކީ ތިމާގެ މައުލޫމާތާއި ދަތުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭށެވެ. އެގޮތަށް ވިސްނުން ބެހެއްޓުމުން ޒުވާބުކުރާކަށް ނުޖެހޭނެއެވެ. ގިނަގިނައިން އަޑުހަރުކޮށް މީހުންނާ ޒުވާބު ކުރުމަކީ ނަފްސާނީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ

ނީވޭ އަޑު އެހުން: ތިމާއަށް ކުރެވޭ އިހްސާސަކުން “އިވޭ އަޑަކުން” ނިކުންނަ ނަތީޖާއަކީ، ދައްކާ ވާހަކައަކުން ނުވަތަ ލިޔެފައި ހުންނަ އެއްޗަކުން ކުރެވޭ ދޭހައާ ވަރަށް ތަފާތު އަޑެއެހުމެކެވެ. ވާހަކަ ދެއްކުމުގެ %70 އަކީ އަޅުގަޑު ދެކޭގޮތުގައި އިހްސާސް ގެ އަޑު އަހައިގެން ދައްކާވާހަކަ އެވެ. އަނެކާގެ އިހްސާސްތަކުގެ އަޑުނީވުމަކި، ވަރަށް ގިނަމީހުންނަށް އެހާ ރަގަޅަށް ވާހަކަ ނުދެއްކޭ ސަބަބެވެ

އަޑުއިވުމަށް، އަޑުއެހުމަށް މޮޅު މީހަކަށް ވުމަކީ، ކާމިޔާބު މީހަކަށްވުމަށް މުހިންމެ ކަމެކެވެ

Corona Virus COVID-19


ކޮރޯނާ ވައިރަސް ކޮވިޑް-19

 

މިއަދު މުޅިދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއްގެ ސަބަބުންނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން ދިވެހިރާއްޖޭގައި މިބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އަދި މިހާތަނަށް އެންމެ 13 މީހުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވި އެއްވެސް މީހަކު މިބަލީގެ ސަބަބުން ދުނިޔެދޫކޮށްފައެެއް ނުވެއެވެ. ނަމަވެސް ޞިއްޙީކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރިޒޯޓުތަކުން މީހުން ރަށްރަށަށް އަރާ ފޭބުމާއި، ރަށްރަށުން މީހުން ރިޒޯޓުތަކަށް އަރާފޭބުންވަނީ ހުއްޓުމަކަށް ގެނެސްފައެވެ. އަދި މިއަދުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން ވަނީ ރިޒޯޓުތަކާއި މާލޭސަރަހައްދުގައި ހުއްޓާލާފައެވެ. 

 

ރާއްޖެ މި ދަތިދުވަސްތަކުން އަރައިގަތުމަށް ރާވާފައިވާގޮތެއް އަދި އެއްގޮތަކަށް ވެސް ނޭނގެއެވެ. ސަރުކާރުން ކުރާ ކަމަކީ ދުވާލު ދެދަޅަޔަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާ، މީހުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރުމެވެ. ދެން، ބޮޑުބަސް ބުނުމެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ވާހަކަޔާއި، ކޮންމެ ގޮތެއް ހަދާފައިވެސް ފަނޑިޔާރުންގެ މުސާރަ ދޭނެ ވާހަކަޔާއި، ކާޑަށް ނުޖެހޭނެކަމުގެ ޔަގީންކަން ދިނުމެވެ. ދެން ވަރަށް ފަނޑުގޮތަކަށް ބެންކުތަކުން ލޯނުދޭނެ ވާހަކަ ބުނުމެވެ. 

 

ދުނިޔޭގެ ގިނަ ގައުމުތަކުގައި ސްޓިމިއުލަސް ޕެކެޖުތައް ދަނީ ތައާރަފް ކުރަމުންނެވެ. ރާއްޖޭގައި މިހާރުވަނީ މި “މުނާސަބަތާއި ގުޅުވައިގެން” ދިވެހި އައުބަސްތަކެއް އުފައްދާފައެވެ. އެހެންނަމަވެސް، ރައްޔިތުންގެ މާދަމާއާއި މެދު އަދި ސަރުކާރުން އޮތީ ހިމޭނުންނެވެ. ހަދަންވީ އެއްޗެއް ނޭނގެނީކަމެއް ނުވަތަ ހެދޭނެ އެއްޗެއް ނެތީކަމެއް ނޭނގެއެވެ. 

 

މިއީ ދުނިޔެ ދައްކާ އާދަޔާ ޚިލާފު ހަގީގަތެވެ. ވަﷲ އައުލަމް 


އުންމީދަކީ ބިލާހެކެވެ.

 

އަހަރެމެން މިއަދު މިވަނީ ތަހުޒީބުގެ އާ މަރުހަލާއަކަށް އާދެވިފައެވެ. މިއީ ވަރަށް އާދަޔާ ޚިލާފު މަރުހަލާއެކެވެ. ނުބައި ރަގަޅު ވެއްޖެއެވެ. ނުފޫޒުގަދަ މީހެއްގެ މައްޗަށް ކޯޓަކުން ކަމެއް ސާބިތުނުވާނެ މިމަރުހަލާގައި، ކުށެއްކަމުގައި ވަނީ ހަމައެކަނި ކޯޓަކުން ސާބިތުވާ ކަމެއް އެކަންޏެވެ. ކޯޓަކަށް ދިޔުމުގެ ކުރިން ކަންކަން ސާބިތުކުރުމަށް، އާންމުކުރެވޭ ބައްދަލުވުމެއްގައި އިންޓެލިޖަންސް ރިޕޯޓެއް އެބައޮތް ކަމަށް ފުލުހަކުބުނުން ފުދެއެވެ.

 

އިއްޔެ ވަރަށް ގިނަ ކަންކަމަކީ ހައްގުގެ މަގަށް ރުޖޫއަވުމަށް ކުރެވުނު މަގެވެ. ހަގީގަތް މިއަދު އެނގުނުއިރު، ހައްގަކީ ވެސް ބޮޑު ވިޔަފާރިއެކެވެ. ވިޔަފާރިވެރިން ކުރާ މުއާމަލާތްތަކެކެވެ. އާ ޒާތެއްގެ ވިޔަފާރި ވެރިންތަކެކެވެ. އެމީހުން ގަނެވިއްކަނީ މީހުންގެ ހިތުގެ އިހްސާސްތަކާއި ވިންދެވެ. އެވިޔަފާރިން އެމީހުން މުއްސަނދިވެ ދުނިޔޭގެ ލައްޒަތާއި ޖާހު ހޯދައެވެ. އިހުޒަމާނުގެ ވިޔަފާރިވެރިންނަކީ އެމީހުންގެ އައުވާނުންނަށް ވެސް ހަދައިފިއެވެ.

 

މިއީ ދުނިޔެ ދައްކާ އާދަޔާ ޚިލާފު ހަގީގަތެވެ. ވަﷲ އައުލަމް