އަޅުގަޑުމެން މީލާދީ އާއަހަރަކަށް މަރުހަބާ ކިޔާއިރު އަޅުގަޑުގެ ހިތުގައި އުފެދޭ ބައެއް ޝުއޫރުތައް ހިއްސާކޮށްލުމުގެ ބޭނުމުގައި މި ޕޯސްޓު ނަކަލު ކޮށްލީމެވެ.
މިއަދު އިރުއޮއްސެން ގާތްވަމުން ދިޔައިރު، ދިވެހިންގެ އިޖުތިމާޢީ ފޭރާން ވީދި ކުދިކުދިވެގެންދާ ވާހަކަ ދެއްކުނު ސައްލާ މަޖިލީހެއްގައި އިނުމުގެ ފުރުޞަތު އަޅުގަޑަށް ލިބުނެވެ. އެއީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ފޯރަމެކެވެ.
ފޯރަމުގައި ބައިވެރިވެ ވަޑައިގެން ގެންނެވި ހުރިހާ ފަރާތްތަކެއްގެ ވެސް އެންމެބޮޑު ޖުމްލަ ކަންބޮޑުވުމަކީ އަޅުގަޑުމެންގެ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި ކުދިކުދިވެ، ގައުމުގެ މުސްތަގުބަލާއިމެދު އޮތް މާޔޫސްކަމެވެ. މާދަމާގެ ޖީލުބިނާކޮށް ތަންދޮރުދަންނަ ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކާ ޕަބްލިކް ބްރޯޑްކާސްޓަރުންގެ ގޮތުން ޓީވީމޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު ގެ ޒިންމާގެ ވާހަކަ، ފަސޭހަކަމާއެކު އަޅުގަޑުމެން އެންމެންވެސް ދެއްކީމެވެ. ހިފެހެއްޓުމެއް ނެތް ފާޑުކިޔުންތައް ތަޅުމަށް އޮއްސާލީމެވެ. އެމްބީސީގެ ބޯޑުގެ މެމްބަރުންނާއި އިސްމުވައްޒަފުން އެއަޑުތައް ކަނުލާ އެއްސެވީ، ޖަދަލުކުރުމެއް ޖަވާބުދިނުމެއް ނެތި، ޒިންމާ އުފުލުމުގައި ފަސްނުޖެހޭނެކަމާއި ފާޑުކިޔުންތަކަށް އިޖާބަދޭނެކަމުގެ ޔަގީންކަން ދެމުންނެވެ.
ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ގޮތުން އެމްބީސީގެ ސްޓޭޝަން ތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ “ރައްޔިތުންގެ އަޑު” ސާފުސާދާކަމާއެކު ގެނެސްދޭ ފަރާތަކަށް ވުމެވެ. އެހެންނަމަވެސް، މިއަދުގެ ބޮޑު ސުވާލަކީ “ރައްޔިތުންގެ އަޑު” ގެ މަފްހޫމެވެ. ރައްޔިތުންގެ އަޑަކަށްވާނީ، ވަކިފަރާތަކުން ކަނޑައަޅާ ވިސްނުމާއި ފިކުރެއް ހެއްޔެވެ؟ ނުވަތަ ރައްޔިތުންގެ މެދުގައި އޮތް ހަގީގަތް ހެއްޔެވެ؟
ޓީވީމޯލްޑިވްސް އާއި ދިވެހިރާއްޖޭގެއަޑުން މަސައްކަތް ކުރަންޖެހޭނީ، ވަކިބަޔަކުދެކޭގޮތް އެހެންމީހުންގެ މައްޗަށް “އިމްޕޯސް” ކޮށް “އިންޑޮކްޓްރިނޭޓް” ކުރަން ހެއްޔެވެ؟ ނުވަތަ ރައްޔިތުންގެ ހަގީގީއަޑުތައް ސެންސަރުކުރުމެއް ނެތި ގެނެސްދޭން ހެއްޔެވެ؟ ދިވެހިންގެ ގައުމިއްޔަތު ބިނާކުރަންޖެހޭނީ އިއްޔެގެ ވިސްނުމާއި ފިކުރުގައި ހެއްޔެވެ؟ ނުވަތަ އަޅުގަޑުމެން އިއްޔެކުރި ކަންތަކުގެ ނަތީޖާ ގެ ހަގީގަތުގެ ތެރޭގައި ހެއްޔެވެ؟
އިހުގެ ޖީލުތަކަށް އަޅުގަޑުމެން ދަސްކޮށްދިނީ ބަސްއަހާށެވެ. ވިސްނާފިކުރުހިންގުމާ ކަންކަމުގައި ގޮތްނިންމުން އަޅުގަޑުމެން ބޭއްވީ ވެރިންނާ ދަންނަބޭކަލުންނާ ކަމުވޮށިގެންވާ މީހުންގެ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން، ވިސްނާފިކުރުކުރާ ޖީލެއް އައިއިރު، ރަނގަޅާނުބައި ވަކިކުރުމާއި މުޖުތަމައުގެ ހަމަޖެހުމަށާއި ކުރިމަގަށް ފައިދާހުރިގޮތަށް ކަންކަމުގައި ބަހާއިއަމަލު ބެހެއްޓުމަށް އެމީހުން ތައްޔާރު ކުރެވިފައެއް ނެތެވެ.
އަޅުގަޑުމެންގެ ޅަދަރީންނަށް އަޅުގަނޑުމެން ދަސްކޮށްދިނީ ދުނިޔެއަކީ ސުވަރުގެއެއްކަމެވެ. އެސުވަރުގޭގައި އުފަލާމަޖަލުގައި ދުވަސްތައް ހޭދަކުރުމަށެވެ. ފިލްމުތަކުގައި ފެންނަ ބަތަލުންނަކީ އަޅުގަޑުމެންގެ ޅަދަރީންގެ “އުންމީދު” ކަމުގައި އަޅުގަޑުމެން ހެދީމެވެ. އެމީހުންގެ ސަގާފަތަށް އަހުލުވެރި ކުރުވީމުއެވެ. ފިލްމު ފިލްމުގައި އަޅާގޮތަށް ހެދުންއަޅުވައިގެން ނަށްޓުވާ، އެކުދިންގެ ނާޗަރަންގީން މުނިފޫހިފިލުވީމެވެ.
މިއަދުގެ ޖީލު ތިބީ ފިލްމީ ދުނިޔޭގެ ސުވަރުގެއެއްގައެވެ. އެއީ ޒުވާނުންގެ އުންމީދެވެ. އެމީހުންނަށް ދަސްކޮށްދީފައި އޮތްގޮތެވެ.
އެހެންވީއިރު، “ރާފުޅި” ހިފައިގެން އާއަހަރު ފާހަގަކުރަން އެކަން ދައްކަމުން މަގުމަތީން ހިނގާފައިދިޔަތަން އަޅުގަޑަށް ފެނުނު ޒުވާން ފުރާއުމުރުގެ ދެކުދީންނަށް އަޅުގަޑުގެ ނަފްރަތު ހައްގު ހެއްޔެވެ؟ ރާފުޅިއެއްގޮތަށް ފަރުމާކޮށްފައިއޮތް ޖޫސްފުޅިއެއް ހިފައިގެން އެކުދިން އެދިޔައީ އަޅުގަޑުމެން ރީތިކަމުގައި ދައްކައިދިން ގޮތަށްކަމުގައި އަޅުގަޑު ދެކެމެވެ. އެކަމާ އެކުދީންނަށް ފާޑުކިޔާ، ފިލްމީދުނިޔޭގެ ސުވަރުގެއެއްގައި އުޅެމުންދާ ދިޔުމަށް ނަފްރަތުކޮށް ފާޑުކިޔުމުގެ ހައްގެއް އަޅުގަޑުމެންނަށް އޮތްކަމުގައި އަޅުގަޑު ނުދެކެމެވެ.