Corona Virus COVID-19


ކޮރޯނާ ވައިރަސް ކޮވިޑް-19

 

މިއަދު މުޅިދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއްގެ ސަބަބުންނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން ދިވެހިރާއްޖޭގައި މިބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އަދި މިހާތަނަށް އެންމެ 13 މީހުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވި އެއްވެސް މީހަކު މިބަލީގެ ސަބަބުން ދުނިޔެދޫކޮށްފައެެއް ނުވެއެވެ. ނަމަވެސް ޞިއްޙީކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރިޒޯޓުތަކުން މީހުން ރަށްރަށަށް އަރާ ފޭބުމާއި، ރަށްރަށުން މީހުން ރިޒޯޓުތަކަށް އަރާފޭބުންވަނީ ހުއްޓުމަކަށް ގެނެސްފައެވެ. އަދި މިއަދުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން ވަނީ ރިޒޯޓުތަކާއި މާލޭސަރަހައްދުގައި ހުއްޓާލާފައެވެ. 

 

ރާއްޖެ މި ދަތިދުވަސްތަކުން އަރައިގަތުމަށް ރާވާފައިވާގޮތެއް އަދި އެއްގޮތަކަށް ވެސް ނޭނގެއެވެ. ސަރުކާރުން ކުރާ ކަމަކީ ދުވާލު ދެދަޅަޔަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާ، މީހުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރުމެވެ. ދެން، ބޮޑުބަސް ބުނުމެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ވާހަކަޔާއި، ކޮންމެ ގޮތެއް ހަދާފައިވެސް ފަނޑިޔާރުންގެ މުސާރަ ދޭނެ ވާހަކަޔާއި، ކާޑަށް ނުޖެހޭނެކަމުގެ ޔަގީންކަން ދިނުމެވެ. ދެން ވަރަށް ފަނޑުގޮތަކަށް ބެންކުތަކުން ލޯނުދޭނެ ވާހަކަ ބުނުމެވެ. 

 

ދުނިޔޭގެ ގިނަ ގައުމުތަކުގައި ސްޓިމިއުލަސް ޕެކެޖުތައް ދަނީ ތައާރަފް ކުރަމުންނެވެ. ރާއްޖޭގައި މިހާރުވަނީ މި “މުނާސަބަތާއި ގުޅުވައިގެން” ދިވެހި އައުބަސްތަކެއް އުފައްދާފައެވެ. އެހެންނަމަވެސް، ރައްޔިތުންގެ މާދަމާއާއި މެދު އަދި ސަރުކާރުން އޮތީ ހިމޭނުންނެވެ. ހަދަންވީ އެއްޗެއް ނޭނގެނީކަމެއް ނުވަތަ ހެދޭނެ އެއްޗެއް ނެތީކަމެއް ނޭނގެއެވެ. 

 

މިއީ ދުނިޔެ ދައްކާ އާދަޔާ ޚިލާފު ހަގީގަތެވެ. ވަﷲ އައުލަމް