Dhiraasee aa aharah kuraa ummeedhu


ދިރާސީ އާއަހަރަށް ކުރާ އުންމީދު 

މިފެށޭ ހަފްތާގައި ސްކޫލްތަކުގެ ކިޔެވުން ފެށޭނެއެވެ. ދަރިވަރުން އާއަހަރަކަށް ސްކޫލަށް ދާން ފަށާނެއެވެ. އެކުދިން އާތަޖުރިބާތަކެއް ކުރާނެއެވެ. އާރަހްމަތްތެރިންނާ ދިމާވެ ގުޅުން އުފެދޭނެއެވެ. އާކަންތައްތައް އުނގެނި ދަސްކުރާނެއެވެ. ހަމައެކަނި ފޮތަކުން ނުވަތަ މުދައްރިސް ދޭ ފިލާވަޅުތަކަކުން ނޫނެވެ.

އެކުދިންގެ ތަޖުރިބާތަކުން އުނގެނުމަކީ ކުދިން އެންމެ ހަނދާންހުންނާނެ ތަޖުރިބާތަކެވެ. އެހެންކަމުން މުދައްރިސުންނާ މައިންބަފައިން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. ކުރިއަށް މިހިނގާ އަހަރު އެކުދިން ކުރާ ތަޖުރިބާތަކަކީ އުފާވެރިކަމާ ހިތްހަމަޖެހުމާއެކު ކޮންމެ ކުއްޖަކުވެސް އުނގެނިދަސްކުރާނެ ތަޖުރިބާތަކަކަށް ހެދުމަށެވެ.

ލޯތްބާއި އަޅާލުން ދިނުމަށެވެ. ކެތްތެރިކަމާއި އެކު މަގުދައްކާދީ ކުރިއެރުމާއި ތަރައްގީއަށް ޖާގައާއި ފުރުސަތާއި ހިތްވަދު ދިނުމަށެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި އެހެންކުދިންނަށް އިހްތިރާމްކުރަން ދަސްކޮށްދިނުމަށެވެ. ތަފާތުތައް ބަލައިގަތުމާއި އެކު އުޅުމަށެވެ.

ކާމިޔާބީއަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ. ހީވާގިކަމާއި މުރާލިކަމާއެކު ކުރިއަށް ދިޔުމަށެވެ. އެންމެނާއެކު ގުޅިގެން ކާމިޔާބަށް ވާސިލުވުމަށެވެ. އެހެން ކުދިންގެ އިހްސާސްތަކަށް އިހްތިރާމް ކުރުމާއެކުގައެވެ.

މާތް ﷲ ގެ ހެޔޮރަހްމަތްފުޅުން، މިފެށޭ ދިރާސީ އާއަހަރަކީ ފުރައްސާރައާއި ގަނާކުރުމުން ކުދިންނަށް ރައްކާތެރިކަން އޮތް އަހަރަކަށް ހެދުމަށް އަޅުގަޑުމެން އެންމެން އެކުގައި ކުދިންނާއެކު މަސައްކަތްކުރަމާތޯއެވެ.