އަޅުގަޑުމެންގެ މުޖުތަމިއު މިވަގުތު މިވަނީ ގައުމިއްޔަތުގެ ހަތަރުއަނގޮޅި ކަންމައްޗެއްގައެވެ. މިއަދު ދިވެހިރާއްޖޭގައި އެންމެ ބާރަށް ގުގުމާލާފައި ވަނީ، ތަރައްގީއާއި އަދުލުއިންސާފާއި ފިކުރީމިނިވަންކަމާއި ކަންކަން އިސްލާހުކޮށް މަގަކަށް އެޅުވުމުގެ ވާހަކައެވެ. އެކަމަކު މުހިންމު ސުވާލެއްގެ ޖަވާބާއި ނުލައެވެ.
އަޅުގަޑުމެން މިބޭނުންވާ ތަރައްގީއާއި މިބޭނުންވާ އިންސާފާއި މިބޭނުންވާ މިނިވަންކަން މިއީ ކޮން އަސާސެއްގެ މައްޗަށް ހޯދާ ތަރައްގީއަކާއި އިންސާފަކާއި މިނިވަންކަމެއް ތޯއެވެ؟ މީގެ ޖަވާބު ގައުމުގައި ހަރުއަޑުން ގުގުމާލާފައިވާ އަޑުތަކުގެ ތެރޭގައި އަޅުގަޑަކަށް ނުފެނެއެވެ. ނީވެއެވެ.
އަޅުގަޑުމެންނަކީ ދިވެހީންނެވެ. ދިވެހިރާއްޖެ އަޅުގަޑުމެންނަށް ފުރިހަމަ މިނިވަންކަމާއެކު އަޅުގަޑުމެންގެ ކާބަފައިން ރައްދުކޮށްދީފައި މިވަނީ އެތައް ގުރުބާނީއަކަށް ފަހުގައެވެ. ދާދި މިދާކަށްދުވަހު، ދިވެހިގައުމު ގެ މިނިވަންކަން ދިފާއުކުރުމަށް ޝަހީދުވި މުޖާހިދުންގެ މަތިން އަޅުގަޑުމެން ކޮންމެ ނޮވެމްބަރު 3 ގައި އެބަ ހަނދާންކުރަމެވެ.
އާދޭހެވެ. އަޅުގަޑުމެންގެ ތަރައްގީއާއި ތަހުޒީބާއި މިނިވަންކަމާއި އަދުލުއިންސާފު ވާންޖެހޭނީ، ދިވެހި ގައުމިއްޔަތުގެ އަސާސްތަކުގެ މައްޗަށް ފިރުކާލެވޭ އެއްޗަކަށެވެ. އަޅުގަޑުމެންގެ ދީނާއި ސަގާފަތާއި މިގައުމު މިނިވަންކަންމަތީ ދެމިއޮތް ސަބަބުތައް ދެމެހެއްޓޭނެ ހަމަތަކާއި އިންތިޒާމްތަކެއްގެ ތެރެއިން ގެނެވޭ ތަރައްގީއާއި ހޯދާދެވޭ މިނިވަންކަމާއި ލިބިދޭ އިންސާފަށެވެ.
އެހެންކަމުގައި ނުވެއްޖެނަމަ، ދިވެހިން ވެސް ނެތިގެން ހިނގައިދާނެއެވެ. ސުވާލަކީ ދިވެއްސަކަށް ކޮންމެހެން ވާންޖެހޭ ހެއްޔެވެ؟
އެކަން ނިންމާނީ ދިވެހިރައްޔިތުންނެވެ. ވަﷲ އައުލަމް
<