Adu ehumuge hunaru


އަޑު އެހުމުގެ ހުނަރު

އަޑުއެހުމުގެ ހުނަރަކީ ހީކުރާހާ ފަސޭހައިން އަށަގެންނުވޭ ހުނަރެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަށް އަޑުއެހުމުގެ ހުނަރުގެ ގޮތުގައި އަޅުގަޑު ބަލަނީ، (ހ) މީހަކު ބުނާ އެއްޗެއް އަޑުއިވިގެން، (ށ) ލިޔެފައި ހުންނަ އެއްޗެއް ކިޔައިގެން، (ނ) ފެންނަ އެއްޗެއް ނުވަތަ މަންޒަރެއް ބަލައިގެން، (ރ) ނުވަތަ ދިމާވާ ކަމަކުން ކުރެވޭ ދޭހައެއްގެ މައްޗަށް – މީހަކު ކަނޑައަޅާ ކަނޑައެޅުމަށެވެ

އެއްތަނެއްގައި މަސައްކަތް ކުރާ ބަޔެއްގެ މެދުގައި އަޑުއެހުމުގެ ހުނަރު އަށަގަނެ ފައްކާވެފައި އޮތުމަކީ އެތަނެއްގައި ކަންކަން އޮމާންކަމާ ހަލުއިކަންމަތީ ހިނގާނެކަން ކަށަވަރު ކުރެވޭނެ ކަމެކެވެ. މިދެންނެވިފަދަ އަޑުއެހުމުގެ ސިފަ އަށަގެންނެވުމުގައި މުހިންމުކަމަށް ފެންނަ ދެތިން ކަމެއް ދަންނަވާލާނަމެވެ

ކިޔުމުގެ އާދަ: ކޮންމެ ދުވަހަކުވެސް ލިޔެފައިވާ އެއްޗަކުން ކޮންމެވެސް މިންވަރެއް ކިޔާ، އެއިން ދޭހަވި އެއްޗެއް ނޯޓުކޮށްލުން. ނުވަތަ އެއިން ތިމާއަށް ލިބުނު ފިލާވަޅެއް ނުވަތަ ކުރި އިހްސާސް ލިޔެލުން. މިކަމަށްޓަކާ “ޑެއިލީ ރީޑިންގ ޖާނަލް” އެއް ގެންގުޅެވިދާނެއެވެ. ތިމާ ގެންގުޅޭ ނޯޓު ފޮތުގައި މި ޖާނަލް ލިޔެވިދާނެއެވެ

ކުރިމަރާނުލާ އަޑުއެހުން: އަނެކާ ދައްކާ ވާހަކަ ނިމެންދެން އަޑުއަހަން އިނުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އަނެކާގެ ވާހަކަ މެދުކަނޑާލަން ބޭނުންވާ ބޭނުންވުން ފަސްޖައްސާލައިގެން ތިންމިނިޓު އިނދެވޭތޯ ބަލާށެވެ. އަދި އަނެކަކު ވާހަކަ ދައްކާއިރު އިވޭ މުހިންމު ލަފްޒުތައް ނުވަތަ އިބާރާތްތައް ނޯޓުކޮށްލުން ރަގަޅުވާނެއެވެ. ގަނޑުގެ އަނެއް އަރިމަތީގައި ތިމާ ބުނަން ބޭނުންވާ އެއްޗެއް، އަދި ކުރަން ބޭނުންވާ ސުވާލުވެސް ނޯޓުކޮށްލާށެވެ

ޖަދަލުނުކުރުން: މީހުންނާ ވާހަކަދައްކަންވީ ތިމާގެ މޮޅުކަން ދައްކާކަށް ނޫނެވެ. ވާހަކަ ދެއްކުމަށް (ނުވަތަ ކޮންވަޒޭޝާން އެއްގައި ބައިވެރިވުމަށް) ލިބޭ ކޮންމެ ފުރުސަތަކީ ތިމާގެ މައުލޫމާތާއި ދަތުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭށެވެ. އެގޮތަށް ވިސްނުން ބެހެއްޓުމުން ޒުވާބުކުރާކަށް ނުޖެހޭނެއެވެ. ގިނަގިނައިން އަޑުހަރުކޮށް މީހުންނާ ޒުވާބު ކުރުމަކީ ނަފްސާނީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ

ނީވޭ އަޑު އެހުން: ތިމާއަށް ކުރެވޭ އިހްސާސަކުން “އިވޭ އަޑަކުން” ނިކުންނަ ނަތީޖާއަކީ، ދައްކާ ވާހަކައަކުން ނުވަތަ ލިޔެފައި ހުންނަ އެއްޗަކުން ކުރެވޭ ދޭހައާ ވަރަށް ތަފާތު އަޑެއެހުމެކެވެ. ވާހަކަ ދެއްކުމުގެ %70 އަކީ އަޅުގަޑު ދެކޭގޮތުގައި އިހްސާސް ގެ އަޑު އަހައިގެން ދައްކާވާހަކަ އެވެ. އަނެކާގެ އިހްސާސްތަކުގެ އަޑުނީވުމަކި، ވަރަށް ގިނަމީހުންނަށް އެހާ ރަގަޅަށް ވާހަކަ ނުދެއްކޭ ސަބަބެވެ

އަޑުއިވުމަށް، އަޑުއެހުމަށް މޮޅު މީހަކަށް ވުމަކީ، ކާމިޔާބު މީހަކަށްވުމަށް މުހިންމެ ކަމެކެވެ

Konme hatharu angolhiakah naasigeyeh…


 

ކޮންމެ ހަތަރުއަނގޮޅިއަކަށް ނާސިގެއެއް…  

 

އަނގައިން ނުބުނެ ލައްކަ ދުވަހު ހުރެވިއްޖެއެވެ. ދައްކާނެ ވާހަކައެއް ނެތީމަކާވެސް ނޫނެވެ. ކަންބޮޑުވާކަމެއް ނެތީމަކާ ވެސް ނޫނެވެ. އަނގައިން އެއްޗެކޭ ބުނެގެން، ވާހަކައެއް ދައްކައިގެން ވާނެކަމެއް ހަރާމުންހަރާންވީމަ ހިންދިރުވާލައިގެން ހުރެވުނީއެވެ. އަދިވެސް ހުންނަންވީ އެވެ. އެއްޗެކޭ ކިޔަންވީ ކޮންކަމަކާ ހެއްޔެވެ؟

 

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ކަސްބީއަންހެނުންތަކެއް ގޮވައިގެން ސިލޯނުގުެ ހޮޓަލެއްގައި “ކުޅެފައިއޮތް” ފިލްމެއްގެ ބަތަލާގެ ރޯލު ކުޅުނުކަމުގެ ބޮޑު ތުހުމަތެއް ކުރެވުނެވެ. އެފިލްމު ނިމުނީ އެއީ ނުވާކަމަކަށް ވެގެންނެވެ. މާވައްތަރު މީހަކު ބޭނުންކޮށްގެން ބަޔަކު ކުޅުވިފިލްމަކަށް ނުވަތަ ފަނޑިޔާރުގެ ބަދުނާމުކުރުމަށް ބަޔަކު ރާވައިގެން ހަދާފައިވާ ފޮޓޯއެއްކަމުގައި ނިންމާފައެވެ. އެކަންކަން އެގޮތަށް ބަޔަކު ނިންމިޔަސް ދިވެހި ރައްޔިތުން އެކަން ގަބޫލެއް ނުކުރެއެެވެ. އެހެންނަމަވެސް ޝަރީއަތަށް ސާބިތެއް ނުވެއެވެ.

 

ލަދެއް ހަޔާތެއް، އަދަބެއް ސަދަބެއް، ގޮތެއް ފޮތެއް ހުރި މީހަކު މިތާ ނެތޭ ހިތަށް އަރާހާއެވެ.

 

ފަނޑިޔާރެއްގެ ބޮލުގައި އެޅުވި ދޮގުތުހުމަތުގެ ކުރީން، ދައުލަތުގެ އެތައް އިއްޒަތްތެރިއަކާއި ގައުމުގެ އަޝްރާފުންގެ ތެރެއިން އެތައްބަޔަކު ބަރަހަނާކޮށް ރަށްމެދަށް އޮރިޔާންކޮށް ހެދިއެވެ. އެކަންކުރީ ފައިސާގެ ދަހިވެތިކަމުގައި “ލަދުހަޔާތްކެނޑިފައި” ތިބި ބައެއްކަމުން، އެމީހުން ފުލުސްއޮފީހަށް ދަމާހެދިއެވެ. އެހެންނަމަވެސް، މައްސަލަ ސިޔާސީވެ އަދި އެހެންނޫނަސް އެވެސް ސާބިތުނުވާނެ ކަމަކަށް ވެގެން އެހިސާބުން އެކަން އޮބުނީއެވެ. އަދި އެކަމުގައި އޮރިޔާންކޮށްލި ދެތިންމީހަކު ފިޔަވާ އެހެންހުރިހާ އެންމެން އެމީހުންގެ އަބުރާއިއްޒަތާއެކު ގައުމީ ޚިދުމަތުގައި އެހެރަގެން ފިޔަޖަހާ މަތިއުޑަށް އަރަނީއެވެ.

 

އެފަހަރު އެހެންދިމާވީމާ ދެން އުންމީދު ކުރެވުނީ ދައުލަތުގެ އިސްވެރިންގެ ވަހުޝީކަންކަން ހިނގާނީ އިތުރަށް ފަރުދާކުރެވިގެން، ގައުމާއި ރައްޔިތުން ލަދުން ބޯ ހިއްލާވަރު ނުވާނެގޮތަކަށް ކަމަށެވެ.

 

އެކަމަކު ކަންމިވީ އެހެނެއް ނޫނެވެ. މިފަހަރު މިމައްސަލަ ފަޅާމިއެރީ ސިލޯނުގެ ފުލުހުންނަށް ދިވެހި ދެމަފިރިއަކު ކުރި ރިިޕޯޓަކާއި ގުޅިގެންނެވެ. ރިޕޯޓުކުރީވެސް ބްލެކްމެއިލްކުރަމުން ދިޔަ މީހުންނަށް އެއްމިލިޔަން ދިވެހި ރުފިޔާއާ އެއްވަރަށް ސިލޯނު ފައިސާ ދިނުމަށް ފަހުގައެވެ. އަދި ތަހުގީގު ހަމަހިނގައިގަތުމާއެކު 100 ށްވުރެ ގިނަދިވެހިން ބަރަހަނާ ކޮށްގެން އޮރިޔާން ކާޑު ހަދާފައިވާކަމާ، މީގެ ތެރޭގައި ދައުލަތުގެ އިސްވެރިންގެ ތެރެއިން މިހާރުވެސް މަގާމުގައި ތިބި ފަސް އިއްޒަތްތެރިއަކު ހިމެނޭކަމާ، އޮރިޔާންކާޑު އުފައްދާ ބްލެކްމެއިލްކޮށްގެން ހަމައެކަނި ނަގުދުފައިސާއިން ހޯދިއެއްޗަކުން 6.5 މިލިޔަން ދިވެހިރުފިޔާއާއި އެއްއަދަދަކަށް ސިލޯނުފައިސާ އެމީހުންގެ ނަމުގައި ބެންކުގައި ރައްކާކޮށްފައި ހުރިކަން އެނގިއްޖެއެވެ.

 

ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއަދު ދިވެހިން އެންމެއަރާތިބި އަދި އެންމެ ފަރިތަ، ތަނަވަސްކަމަށް ރުކުރުވާލާ މަގަކީ، ބިރުދެއްކުމާ “އަތްއެނބުރުމާ” ޚިޔާނާތާ ފަސާދަޔާ މަކަރާހީލަތެވެ. މީހުންނާ ދިމާކުރުމާ ފުރައްސާރަކުރުމަކީ މިއަދު އަޅުގަޑުމެންގެ ކުދިންވެސް ތަރުބިއްޔަތު ލިބެންޖެހޭ މާއްދާއެކެވެ.

 

އަޅުގަޑު ދެކޭގޮތުގައި މިވަގުތު އަޅުގަޑުމެންނަށް އެންމެ ބޭނުމީ ކޮންމެ ހަތަރުއަނގޮޅިއަަކަށް ނާސިގެއެކެވެ.

   

 

Miadhakee gaumu hithaama kuran jeheyne dhuvaheh…


 

މިއަދަކީ ގައުމު ހިތާމަކުރަންޖެހޭނެ ދުވަހެއް…

 

މިއަދު ނޫސްކިޔާލުމުން އެންމެ ފާހަގަވި އެއްޚަބަރަކީ، އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުގެނައުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ގާނޫނަކަށް ވެއްޖެނަމަ، ސިޓީ ކައުންސިލްތަކުގައި ކޮންމެ އިންތިޚާބީ ދާއިރާއަކުން ދެ ކައުންސިލަރުން ތިއްބެވުމަށް ހަމަޖެހުނު ޚަބަރެވެ.

 

މިއީ ދިވެހިންނަށް އުފުލައިނުގަނެވޭ ވަރަށް ޚަރަދުބޮޑުވެފައިވާ ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް އެޅުނު ފިޔަވަޅެކެވެ. އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ދިވެހިން ކުރަން ފެށި ދަތުރު ގެ ހިތިރަހަ ގަދަޔަށް ހުއްޓާ އަނެއްކާވެސް އިތުރު ބުރައެއް ކުރިމަތިކުރާނެ ފިޔަވަޅަކަށް މިބިލު ވެގެންދާނެކަން ކަށަވަރެވެ. ކައުންސިލަރުންގެ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތަކެވެ. މުވައްޒަފުންނާއި އޮފީހުގެ ޖާގައާއި އެހެނިހެން ވަސީލަތްތަކުގެ ގޮތުން، އަދި އެބޭފުޅުންނަށް ލިބިދޭންޖެހޭނެ ދަތުރުފަތުރާއި އެހެނިހެން ފަސޭހަތަކުގެ ޚަރަދުންނެވެ. މިއިންކޮންމެ ޖާގަޔަކާއި ގުޅިފައިހުރި ޚަރަދުތަކަށް އަހަރެއްގެ މައްޗަށް ދޮޅުމިލިޔަނެއްހާ ރުފިޔާ ޚަރަދުކުރަން ޖެހޭނެކަމަށް ލަފާކުރެވެއެވެ.

 

މީގެ އިތުރުންވެސް، އިދާރީދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމަށް “މި” ގާނޫނުއަސާސީ ގެ ދަށުން ފަށާފައިވާ އާތަޖުރިބާގައި ހުރިގޮންޖެހުންތައް އިތުރަށް ބޮއްސުންކޮށްލާނެ ދުސްތޫރީ ފިޔަވަޅަކަށް ނޫނީ، މިބިލު ނުވާނެއެވެ. މިބިލު ގާނޫނަކަށް ވެއްޖެނަމަ، މިހާރުވެސް ހިނގައިނުގަނެގެން އުޅޭ ސިޓީ ކައުންސިލްތަކަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވާނެއެވެ. ގުޅިގެން މަސައްކަތްކުރުމަކީ، އެއްފިކުރެއްގެ މީހުންނަށް ވެސް ދިވެހިންގެ މެދުގައި ދަތިއުނދަގޫ ކަމަކަށް ވާތީއެވެ. ގަވަރނަންސް ގެ އުސޫލުތަކަކީ ދިވެހިންނާ ބީރަށްޓެހި، ނުފަރިތަ ކަންކަމަށް ވާތީއެވެ. އަދި ގަވަރނަންސް އާއި ހިންގުން ވަކިން ތަރުތީބުކުރުމަކީ ދިވެހިން އަދި އެއްގޮތަކަށްވެސް ފަރިތަނޫން، ނުކުރާ ކަމަކަށް ވާތީއެވެ.

 

އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މިގެނެވުނު ބަދަލާއި ގުޅިގެން ކުރާނެ ފައިދާއެއް އެބައޮތެވެ. ސިޔާސީޕާޓީތަކުގެ އިތުރުފަހުލަވާނުންނަށް އަނެއްކާވެސް އިތުރު ވަޒީފާގެ ފުރުސަތު ފަހިވެގެން ދިޔުމެވެ. އާދައިގެ ވަޒީފާތަކެއް ނޫނެވެ. ދިވެހިރާއްޖޭގައި މަތީތައުލީމު ހާސިލުކޮށްގެން އުފެއްދުންތެރި ޖާގަތަކުގައި ރައްޔިތުންނަށް ޚިދުމަތްކުރާ އެތައް ބަޔަކު ދިހަބާރަހާސް ރުފިޔާއަށް ދުވާލަކު އަށްގަޑިއިރު ހޭބޯނާރާ މަސައްކަތުގައި ތިއްބާ، އުފެއްދުންތެރިކަމެއްނެތް ޖާގަތަކުގައި “މާބޮޑުކަމެއްނެތި ތިބޭ” ބަޔަކަށް އޭގެ ދެގުނަ ތިންގުނަ އާމްދަނީ ހޯދާނެ މަގު ތަނަވަސްކޮށްދޭ ވަޒީފާތަކެކެވެ.

 

ދިވެހިންނަށް ޖެހިފައި މިއޮތް ދަތުރެއް ދޮގެއްތޯއެވެ!

 

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ދިވެހިން ބޭނުންވީ، ސަރުކާރުން ރައްޔިތުންނާއި ގުޅޭކަންކަން ނިންމުމުގަޔާއި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށެވެ. މިރާއްޖޭގައި މިއޮތް ކުދިޖަމާއަތްތަކުގައި ވަކި ސަރުކާރުތަކެއް ހެދުމަކަށް ނޫނެވެ. ރައްޔިތުންގެ އުންމީދުތައް ދިރާސާކޮށް ދެނެގަތުމަށް އެތައް އަހަރަކު ކޮށްފައިވާ މަސައްކަތްތަކުގެ ކަރުދާސްތައް ބައްލަވާލެއްވުމުން މިކަންކަން ރަގަޅަށް ސާފުވެ ފެންނާން ހުންނާނެއެވެ. އެކަމަކު، “މި” ގާނޫނުއަސާސީން ރާއްޖެއަށް ލިބުނު “މުޑިނަގާ” ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ރައްޔިތުންނަށް ލިބުނުކަމަށް މިފެންނަނީ އަގުބޮޑު ޖެޓެކެވެ. ބޭނުންނުހިފޭ މޮޅު އެއްޗެކެވެ.

 

ނޫސްކިޔާލާފައި އަޅުގަޑު ހިތަށް އެރިއެވެ. މިބިލާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަލުން ވިސްނާވަޑައިގަތުމަށްޓަކާ، މިބިލު ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާނެނަމައެވެ. އެހެންނަމަވެސް، މިފަހަރު އެމަނިކުފާނުގެ ޕާޓީގެ މީހުންނަށް ވެސް ރަނގަޅުވާނީ މިބިލު ގާނޫނަކަށްވުންކަން ޔަގީނެވެ. ޕާޓީގެ އިތުރުބަޔަކަށް “މަސްފަލަ” ވަޒީފާގެ ފުރުސަތު އިތުރުކުރުމަށެވެ.