ބަދަލުނުވި ދިވެހި އާދަކާދަ: މުނިފޫހިފިލުވުމަށް ކުދިން ބޭނުންކުރުން…
މިއަހަރު ފާހަގަކުރާ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ޖަލްސާ އޮތީ އއ. އުކުޅަހުގައެވެ. މިޖަލްސާ އެމްއެންބީސީވަން އިން ލައިވްކުރިއެވެ. ލައިވް ފެށުމުގެ ގޮތުން ގެނެސްދިން ކްލިޕްތަކުގެ ތެރޭގައި، އިއްޒަތްތެރިން މުނިފޫހިފިލުވުމަށް ކުޑަކުދިން ލައްވާ ނެށުމުގެ ނުބައި ދިވެހި އާދަ އިއާދަކުރެވިގެން ދިޔަތަން ފެނިގެންދިޔައެވެ. އަޅުގަޑުމެންގެ ގައުމަށް އައި ބޮޑުބަދަލުގެ ތެރެއިންވެސް ނެތިގެން ނުދިޔަ ނުބައި އާދައެކެވެ. އިސްލާމުންގެ ތާކިހާ އަޅައިގެން އިސްލާމްދީނުގައި މަތިވެރި ދަރަޖައާއި ރައްކާތެރިކަން ދެއްވާފައިވާ ކުޑަކުދިންގެ ކަރާމާތް ނަގާލުމުގެ ސަގާފަތުގެ ބައެއްކަމުގައިވި އާދަކާދައިގެ ތެރެއިން ހިމެނިގެންވާ ކުޑަކުދިންލައްވާ ނެށްޓުވުމެވެ.
ކުޑަކުދިންނަށް މާލޯބިކުރާ އަޅާލާ ބައެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ދިވެހިރާއްޖޭގެ ވެރިން ރާއްޖެތެރޭގެ ރަށްރަށަށް ކުރާދަތުރުތަކުގައި އެރަށްރަށުގެ ކުދިން އެމީހުންގެ މުނިފޫހިފިލުވުމަށް ބޭނުން ހިފުމަކީ އާންމުކަމެކެވެ. އަޅުގަޑުގެ މަދުރަސީހަޔާތް ނިމި ފުރަތަމަ ވަޒީފާއަދާކުރީ ބ. އަތޮޅާއި ޅ. އަތޮޅުގައި ކަމުން، އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ރާއްޖެތެރޭގައި މިކަންކަން ހިނގާމަގު ފެނިފައި ހުރުމުގެ ސަބަބުން، މިކަންކަމުގެ އާޖުފާޖު ވަރަށްގާތުން ދެކި އަތުން ހިފުމުގެ ފުރުޞަތު ލިބުނެވެ. އަޅުގަޑުގެ ތަޖުރިބާގައި މިކަންހުއްޓުވުމަށް މަސައްކަތްކުރެއްވި އެއްބޭފުޅަކީ އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރި ދުވަސްވަރު އެޑިއުކޭޝަން މިނިސްޓަރެވެ. ދައުލަތުގެ ވެރިން ރަށްރަށަށް ވަޑައިގަންނަވާއިރު މަރުހަބާކިޔުމަށް “ކުދިން އަވީލުން” އެމަނިކުފާނު މަނާކުރެއްވިއެވެ. އަދި ކުދިންލައްވާ މުނިފޫހިފިލުވުމަށް ނެށުމަށް ތަރުހީބު ދެއްވުމާއި އެކަން ކުރިއެރުވުން ހުއްޓަވާލެއްވިއެވެ.
ދިވެހިރާއްޖޭގެ ވެރިން ރާއްޖެތެރެއަށް ވަޑައިގަންނަވާއިރު، އެބޭބޭފުޅުންގެ މުނިފޫހިފިލުވުމަށް ކުދިން ބޭނުންކޮށްފައިވަނީ ހަމައެކަނި ނެށްޓުވުމަކަށް ނޫނެވެ. ކުރުނބާފޮދު އެރުވުމާއި، ހެނދުންކޮޅު އިސްތިރިކުރުވުމާއި، ތަންމަތި އަޅާދިނުމާއި، ތަށިމަތި ބަލަހައްޓާދިނުމާއި، ދަންވަރުގެ މުނިފޫހިފިލުވުމަށް ބޭނުންކުރުމަކީ ހިނގަމުންދިޔަ ކަންތައްތަކެވެ. އަންހެންކުދިންނާއި ފިރިހެން ކުދިންނަށެވެ. 2009 ވަނަ އަހަރު ވީޓީވީން ގެނެސްދިން ކުޑަކުދިންނަށް ލިބޭ އަނިޔާތަކާމެދު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްގައި ކުޑަކުއްޖެއްގެ ގޮތުގައި އޭނާކުރި ތަޖުރިބާތަކުގެ ވާހަކަކިޔާދިން ޒުވާން ފިރިހެންކުއްޖެއްގެ ވާހަކައިން ވެސް މިސަގާފަތުގެ ފުޅާމިން އެނގިގެންދެއެވެ. ކުޑަކުދިން ނަހަމަގޮތުގައި ބޭނުންހިފުމުގެ ސަގާފަތުގެ އެއްއަލާމަތަކީ، ބޮޑެތިމީހުންގެ މުނިފޫހިފިލުވުމަށް ކުޑަކުދިންލައްވާ ނެށްޓުވުމެވެ.
އަޅުގަޑުގެ އުންމީދަކީ، މުނިފޫހިފިލުވުމާއި ނާޖާއިޒުގޮތުގައި ކުދިންގެ ބޭނުން ހިފުން މިރާއްޖެއިން ނެތިގެންދާނެދުވަހެއް މާތްﷲ އަޅުގަޑުމެންނަށް މިންވަރުކުރައްވާނެ ދުވަހެކެވެ.
ގުޅުންހުރި ބައެއް ޕޯސްޓުތައް،
ސްކޫލްތަކުގެ ވެރިންގެ މައިޒާން 2008