ލޯތްބާއި އިހްތިރާމާއި އަޅާލުން …
އާއިލާގެ ކުދިންނާއެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅެއްގައި އަޅުގަޑު އަހާލީމެވެ. “އަންކަލްއަށް ދޭނެ އެއްޗެއް އެބައޮތްތަ؟” އެއީ ޗުއްޓީގައި ގޮސް ކޮއްކޮގޭގައި ހުރިއިރު، ކޮއްކޮމެންގެ ކުދިންނާއެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅެއްގައި އަޅުގަޑު ކޮށްލި ތަޖުރިބާއެކެވެ. ކޮންމެ ކުއްޖެއްގެ ވެސް ފުރަތަމަ ޖަވާބަކީ “އަންކަލްއަށް ދޭނެއެއްޗެއް ނެތް” ކަމަށް ބުނުމެވެ. އަނެއްކާވެސް ސުވާލު ތަކުރާރު ކުރުމަށްފަހު، އަޅުގަޑު ބުނީމެވެ. “ކޮންމެ ކުއްޖަކަށްވެސް ދެވޭނެ އެއްޗެއް އެބައޮތް.”
މިހެންބުނުމަށްފަހު، އަދި އެއްފަހަރު ފުންކޮށް ވިސްނާލާފައި އެހެން ޖަވާބެއް ދެވިދާނެތޯ ބަލަން ބުނީމެވެ. އިރުކޮޅަކުން “ޖަވާބު އެނގޭ” ކަމުގައި އެއްކުއްޖަކު ބުންޏެވެ. އެހެންނަމަވެސް، އޭނާ ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ. (މަދަރުސާގައި ކުދިން ކުރާ ތަޖުރިބާއަކީ، ނުބައިޖަވާބު ދެވިއްޖިއްޔާ މުދައްރިސްގެ ނުރުހުމާއި އެހެން ދަރިވަރުންގެ ކުރިމަތީގައި އަގުވެއްޓުން ކަމުގައި ވާތީ، ޖަވާބުދިނުމަށް ކުދިން ފަސްޖެހުން އެއީ އަޅުގަޑުމެންގެ ތެރޭގައި އާކަމެއް ނޫނެއްނޫންތޯއެވެ؟)
ކޮންމެއަކަސް، ޖަވާބު އެނގޭކަމަށް ބުނި ކުއްޖާގެ ބަހުން ހިތްވަރު ލިބިގެން “ޖަވާބު އެނގޭ” ކަމަށް އަނެކަކު ބުނެފިއެވެ. ޖަވާބަކީ ކޮބައިތޯ އެހުމުން އޭނާގެ ޖަވާބަކަށްވީ “ރެސްޕެކްޓް” އެވެ. އެއީ ރަނގަޅު ޖަވާބެއް ކަމުގައި އަޅުގަޑު ބުނީމެވެ. އެތަޖުރިބާއިން ހިތްވަރު ލިބިގެން، ކުރިން ޖަވާބު އެނގޭކަމަށް ބުނި ކުއްޖާ، އޭނާއަށް ވުރެ ދޮށީ ދައްތަގެ ކަންފަތްބުޑުގައި ސިއްރުސިއްރުން އޭނާގެ ޖަވާބު ބުނެފިއެވެ. އޭނާގެ ޖަވާބަކީ “ހަގްސް” އެވެ. އެޖަވާބު ވެސް ރަނގަޅުކަމަށް ބުނުމުން ދެން ޖަވާބުތައް ލިބެން ފަށައިފިއެވެ. އަނެއް ޖަވާބަކަށް ލިބުނީ “ލަވް” އެވެ.
އަޅުގަޑުމެންގެ އާއިލާތަކުގެ މެމްބަރުންގެ މެދުގައި އެކަކު އަނެކަކަށް ބުރަޔެއް އުފުލުމަކާ ނުލާ ކޮންމެދުވަހަކު ބަހާނެ ހަދިޔާ އަޅުގަޑުމެން ކޮންމެ މީހެއްގެ އަތުގައި އެބަތިބިކަން ކުދިންނަށް ވިސްނި، އެވިސްނުމުގެ ތެރޭގައި ކުދިން ބޮޑެތި ކުރެވޭނަމަ، މިގައުމަކީ ހާދައުފާވެރި ތަނަކަށް ހެދޭނެއެވެ. އެއްވެސް މީހަކަށް އަނެކަކަށް ދެވޭނީ، އެމީހަކަށް ލިބިފައިވާ އެއްޗެއްކަމާއި، ތިމާ އެހެންމީހަކަށް ދިން އެއްޗެއް އެމީހާޔަށް އެހެން މީހުންނަށް ދެވޭނެކަން އެނގޭނަމައެވެ.
އަޅުގަޑުމެންގެ ތެރޭގައި މިއޮތް ފިތުނަފަސާދައާއި ދެކޮޅުވެރިކަމާއި އެއްބަޔަކު އަނެއްބަޔަކު ނެތިކޮށްލުމަށް ބޭނުންވާ ބޭނުންވުން ފަހަނައަޅާގޮސް، އުފާވެރިކަމާއި ފާގަތިކަމުގެ މުޖުތަމައެއް ބިނާކުރެވޭނީ ހިތްހެޔޮކަމާއި އަޅާލުމާއި އޯގާތެރިކަން މިގައުމުގައި އަށަގަންނުވާ އާންމުކޮށްގެންނެވެ. އެކަން ކުރެވޭނީ އަޅުގަޑުމެންގެ ކުދިންނަށް ނަމޫނާ ދައްކައިދީ އެކުދިންގެ ވިސްނުމާއިފިކުރު ބަދަލުކޮށްގެންނެވެ. މިއަދު އަޅުގަޑުމެންގެ ތެރެއިން މިފެންނަ ގޮތެއްފޮތެއްނެތް ނޭއްގާނީ ނަމޫނާދައްކާ ބޮޑެތިމީހުންގެ ވަކިތަކުން މިއަދުގެ ޖީލު ސަލާމަތް ކުރެވިގެންނެވެ.