ލޯތްބަކީ ބާރުގަދަ ޖަޒުބާތެކެވެ. އިންސާނާގެ ހިތުގެ އެންމެ ފުންމިނުން އުފެދިގެން އަންނަ ލޯބީގެ ޖަޒުބާތުގައި އެހެން ހުރިހާކަމެއް ފަހަނައަޅާ ދެއެވެ. އެއީ އިންސާނީ ތަޖުރިބާގެ އެންމެ ނުފޫޒުގަދަ ފަރާތްވެސް މެއެވެ. ލޯބީގެ އެންމެ މަތީ ފަންތީގައި ތިބެވޭއިރު، އެނޫން އެއްވެސް އެހެންކަމަކުން އިންސާނާގެ ކަރުހިއްކުން ފިލުވައެއް ނުލެވެއެވެ. ލޯބީގެ މިފަންތިއަށް ދެވުމުން ކޮންމެ ފަދަ ގުރުބާނީއަކަށް ވެސް އިންސާނުން ތިބެނީ ތައްޔާރުގައެވެ.
ލޯބިވެވުމުން، އަދި އެލޯބި ދައްކައި ދެވުމުން، އިންސާނާގެ ހިތަށް ފިނިކަން ލިބެއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސްވެއެވެ. ޖޯޝާއި ފޯރިއާއި އެކު ކަންކަން ކާމިޔާބުކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރުލިބި ރޫހު އާލާވެއެވެ. އަދި އަމުދުން އެލޯބީގެ ހަދިޔާގެ ޔަގީންކަން އޮންނަނަމަ، ލޯބީގެ ފުންކަނޑުގެ ތެރެއަށް ޣަރަގުވެ ފީނައިގަނެއެވެ. ހާސްކަމެއް ފިކުރެއް ނެތިއެވެ. އެއީ އިންސާނީތަޖުރިބާގެ ހަގީގަތެވެ.
ތިމާއަށް ހަގީގީ ލޯބި ވެވިއްޖެނަމަ، ތިމާގެ ލޯބި ރައްދުވާ ފަރާތަށް ހުރިހާގޮތަކުން ވެސް އެންމެ ފުރިހަމަކަން ލިބިގެންވާކަމަށް ގަބޫލު ކުރުމަކީ އިންސާނީ އާދައެވެ. އެފަރާތަކީ އެންމެ މަތިވެރި ގަދަރާއި ޝަރަފު ލިބިގެންވާ ފަރާތެވެ. އެފަރާތަށް ކިތަންމެ ކުޑަމިންވަރެއްގެ އުނިކަމެއް ވެސް ނިސްބަތްވާ ފިކުރެއް، ބަހެއް ނުވަތަ އަމަލެއް ވިޔަސް ބަލައެއް ނުގަނެވޭނެއެވެ. އެފަދަ ކަމެއް ކުރި ކޮންމެ ފަރާތަކަށް އިންތިހާ ދަރަޖައިގެ ނަފުރަތު ކުރެވެއެވެ. އަދި އެނަފުރަތުގެ އިންތިހާގައި އެފަދަ ކަމެއް ކުރިފަރާތެއްގެ ނެތިދިޔުމަށް، ތިމާއަށް ލިބިފައިވާ ހުރިހާ ވަސީލަތެއް އޭގެ އެންމެ ފުޅާމިނަށް ބޭނުންވެސް ކުރާނެއެވެ. އެއީ ވެސް އިންސާނީ ތަޖުރިބާގެ ހަގީގަތެވެ.
އަޅުގަޑުމެންގެ ވަށައިގެން މިއަދު ފެންނަމުން މިދަނީ މިދެންނެވި އިންސާނީ ފިޠުރަތުގެ ހަގީގަތެވެ. މީހުން އެމީހުންގެ ހިތްދެވިފައިވާ މީހުންނަށްޓަކައި ހުރިހާ ކަމެއް ގުރުބާންކުރަމުން ގެންދާ މަންޒަރެވެ. ބުއްދިފިލާގޮސް ހިތުގެ ޖަޒުބާތުތަކުގެ އަޅުންނަށް ވެފައިތިބި ތަނެވެ. މިހަގީގަތުގެ ރަހަ ކިތަންމެހާ ވެސް ހިތިވާނެކަން އެނގިތިބެ ވެސް މެއެވެ.
އެހެންނަމަވެސް ހައިރާންވާންޖެހޭ ކަމަކީ، ސައްތައިން ސައްތަ އިސްލާމުން ދިރިއުޅޭ ގައުމެއް ކަމަށް ދައުވާ ކުރާ މިދިވެހިރާއްޖޭގައި ތިމާމެންގެ ގައުމިއްޔަތުގެ ބިންގާކަމުގައި ބުނާ އިސްލާމްދީނާއި އިސްލާމްދީނުގެ ރަސޫލާ މުހައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މަލާމާތާއި ހަޖޫކިޔުމަކީ، ގިނަމީހުންގެ ކުރިމަތީގައި ބަލައިގަނެވޭ ކަމަކަށް ވެފައި އޮތް އޮތުމެވެ. އެއްކައުވަންތަ ކަލާނގެ ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އެކަލާނގެ ނަބިއްޔާއާއި އެކަލާނގެ ބާވާލެއްވި ދީން ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ބުނާ ދިވެހިން، އިސްލާމްދީނަކީ އެމީހުންގެ ނާޗަރަނގީ ގެ ނާރެހަށް ހަދައިގެން އުތުރިއަރާކަމެވެ.
މިއަދު މިގައުމުގައި މާތްﷲއަށް، އިސްލާމްދީނަށް، ކީރިތި ރަސޫލާއަށް، އޭގެ ހަގީގީމާނައިގައި ލޯބިދެވޭ ހެއްޔެވެ؟
ކުރީގެ ޕޯސްޓުތަކުގެ ތެރެއިން: “އިޖްތިމާޢީ ހަމަޖެހުން – މިގައުމުގެ ދިރުން”
well written Shihab. very true.